navLogo

"ވާނުވާ" ހައްލު ނުހޯދައި ޔާމީން އިންނެވީ ފަސްމިނެޓް ތާސްކުޅުމުގައި: ޝުޖާއު

"ވާނުވާ" ހައްލު ނުހޯދައި ޔާމީން އިންނެވީ ފަސްމިނެޓް ތާސްކުޅުމުގައި: ޝުޖާއު
redhan online
މަރިޔަމް

"ވާނުވާ" ބަންދުގައި ނުވަތަ ޝަރީއަތް ފެށޭނެ ދުވަހެއް ނޭނގި ބަންދުގައި ބަހައްޓާފައި ތިބި ތިބުމުން 5 މިނެޓުން ހައްލުކޮށްދެއްވަން ވިދާޅުވެ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންނެވީ 5 މިނެޓު ތާސްކުޅުމުގައި ކަމަށް ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝުޖާއު މިފާޑުކިޔުން އަމާޒުކުރެއްވީ އިއްޔެ "އެކްސް" (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ވެސް "ވާނުވާ" ބަންދު ތައާރަފްކޮށް، މި ބަންދުގައި ރައްޔިތުން ބައިތިއްބަން ފެށީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި 5 މިނެޓުން އެކަން ހައްލު ކުރެވޭނެ ކަމަށް ވިދާޅުވި ރައީސް ޔާމީންގެ ވެރިކަމުގައި މި މައްސަލަ އިތުރަށް ގޯސްވެގެން ދިޔަ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

އޭގެ ފަހުން ޖެހިގެން އައި އެމްޑީޕީގެ ވެރިކަމުގައި، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް "ވާނުވާ" ބަންދަށް ހައްލެއް ހޯދުމުގެ ވިސްނުމެއް ނެތި، މީހުން މި ބަންދުގައި ބަހައްޓަމުން ދިޔަ ކަމަށް ޝުޖާއު ބަޔާންކުރެއްވިއެވެ.

"ވާނުވާ ބަންދުގެ ހައްލަކީ ފުނިޖެހިފައިވާ މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމް ޖުޑިޝަރީއަށް ފަހިކޮށް ދެއްވުމެވެ. 5 މިނެޓުން ހައްލުކޮށްދެއްވަން ވިދާޅުވި ރައީސް [ޔާމީން]ގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ސީލިން ވެއްޓުނީ ފަނޑިޔާރުންގެ ބޮލަށް. 5 މިނެޓް އިންނެވީ ތާސްކުޅުމުގައި. ކޯޓުތަކުގެ ފަނޑިޔާރުން ވިދާޅުވަމުން ގެންދެވީ މަސައްކަތް ކުރާނެ ފަހި މާހައުލެއް ނެތި މިއީ ހައްލު ހޯއްދަވަން ދަތިފުޅު މައްސަލައެއް ކަމުގައި،" ޝުޖާއު އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ "ވާނުވާ" ބަންދަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ވައުދާއެކު ކަމަށާއި، އެ ހައްލަކީ ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ ފަހި މާހައުލަކާއި ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. "މާލީ މިނިވަންކަން. ރައީސްގެ ވައުދާ އެއްގޮތަށް މިކަން ވަނީ ޖުޑިޝަރީއަށް މިހާރު ފަހިކޮށްދެއްވާފަ،" ޝުޖާއު ފާހަގަކުރެއްވިއެވެ.

މެމްބަރު ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް ޤާނޫނާއި ގަވައިދުގެ ތެރެއިން "ވާނުވާ" ބަންދުގައި ތިއްބެވި ބައެއް ފަރާތްތައް ޓެގް އަޅުވައި ބަންދުން ވީއްލާފައި މިހާރު ވެސް ތިބޭނެ ކަމަށެވެ. ނަމަވެސް 5 މިނެޓުން މިކަން ކުރެވޭނެ ކަމަށް ވިދާޅުވި ރައީސް ޔާމީނަށާއި އެމްޑީޕީގެ ދެ ވެރިކަމުގައި އެވަރު ވެސް ކޮށްނުލެވުނު ކަމަށް ޝުޖާއު ހިތާމަފާޅުކުރެއްވިއެވެ.

Rate this article

Leave a Comment

Comments (0)