navLogo

ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީއެއް ނަގާ ގޮތަށް ޓޫރިޒަމް ބިލް ތަސްދީގުކުރައްވައިފި

ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީއެއް ނަގާ ގޮތަށް ޓޫރިޒަމް ބިލް ތަސްދީގުކުރައްވައިފި
po office
މަރިޔަމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 99/2) އަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.މި ބިލު ތަސްދީޤުކުރެއްވުމާއެކު، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައި، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. ރައީސް އޮފީހުން ޢާންމުކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ޤާނޫނުގެ ދަށުން ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީއެއް ނަގާ ގޮތަށް އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށްދޫކުރުމާއި، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށްދޫކުރުންފަދަ ކަންކަމަށް ތަންތަން ކުއްޔަށްދިނުމާއި، އެ ތަންތަން ހިންގުމުގެ އުސޫލުތައް ކަނޑައެޅުމެވެ. އަދި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތައް ބަޔާންކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން، ރިޒޯޓު ހެދުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދެވޭ މުއްދަތު އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށްދޫކުރެވޭ ރަށްރަށުގެ ފަޅުގެ ސަރަޙައްދު ކަނޑައެޅުމާއި، ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ޚިދުމަތް ދިނުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުން ވެސް މި ބިލުގައި ހިމެނެއެވެ.

މި ޤާނޫނުގެ ދަށުން، ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގެ ގޮތުގައި "ޓޫރިޒަމް ޓްރޭނިންގ ރިޒޯޓް" ހިމަނައި، އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށްދިނުމާއި، ތަރައްޤީކޮށް އެ ތަންތަން ހިންގުމުގެ އުސޫލު ބަޔާންކޮށްފައިވެއެވެ. މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގެ އިހްތިޞާޞްގައި ހިމެނޭ ތަންތަނުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާކަމަށް ކަނޑައަޅާފައިވާއިރު، އެ ތަންތަނުން ސަރުކާރަށް ދައްކާ ފައިސާ، އެ ތަނެއް ނިސްބަތްވާ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި، އެ ފައިސާ އެ ކައުންސިލްތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.

އިތުރަށް، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މަދުވެގެން 45 އިންސައްތަ ހިއްސާ އޮންނަ ކުންފުނިތަކަށް ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށް، ބިން، ނުވަތަ ފަޅު ދޫކުރެވޭނެ ގޮތްތައް އިތުރުކޮށް، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ދޫކުރެވޭނެ ކަމަށްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްޤީކޮށް ނިންމުމަށް ދެވިފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ ޝަރުތުތަކާއި އިޖުރާތު ބަޔާންކޮށް، ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިފައިވާ މުއްދަތު، އިތުރު 6 (ހައެއް) މަސްދުވަހަށް އިތުރުކުރެވޭނެކަމަށް ވެސް ވަނީ ހިމަނާފައެވެ.

ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދެވޭނީ، ޓުއަރ އޮޕަރޭޓަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށް މި ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޓުއަރ އޮޕަރޭޓަރަކަށް، ޚިދުމަތް ދެވޭނީ ފޮރިން ޓުއަރ އޮޕަރޭޓަރ ލައިސަންސްއެއް ހޯދުމަށްފަހުކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރެވޭ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި، ބަންދުކުރުމާ ހަމައަށް ދައްކަންޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ގަވާއިދުގައި ކަނޑައަޅާ ގޮތެއްގެމަތިން، ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް ވެސް މި އިޞްލާޙުގައި ވަނީ ހިމަނާފައެވެ.

ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ޚިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެ ފަރާތެއް ޚިދުމަތުގެ ބާވަތަށާއި ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް 1,000,000 (އެއްމިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ވެސް މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

Rate this article

Leave a Comment

Comments (0)